މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގައުމު ހަމަ މަގަށް އެޅުވޭނެ ގޮތެއް ނުވިސްނޭކަމަށް ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަނޑައެޅި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ގައުމުގެ މިސްރާބު އޮތީ ހަމަ މަގުން ކައްސުވާލާފައި ކަމަށާއި އެވަރުގެ ބަޔަކަށް ގައުމު ހަމަ މަގަށް އެޅުވޭނެ ގޮތެއް ނުވިސްނޭކަމަށެވެ.
ހީނާ ވިދާޅުވީ އެމްޑީޕީން ގައުމުގެ މިސްރާބު އަނދަވަޅަކަށް ވައްޓާލާފައި އޮއްވާ އެ އަނދަވަޅުން ގައުމު ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް މި ޖެހެވަޑައިގަތީ އަނދަވަޅަކަށް ވެއްޓިފައި މިއޮތް ގައުމު އަލުން ނަގާ ކޮށްޅަށް ޖެހުމަށް. އެއީ އިގްތިސާދީ ގޮތުން ކަމުގައި ވިޔަސް، އިޖްތިމާއީ ގޮތުން ކަމަށްވިޔަސް. ތަރައްގީއާއި އެހެނިހެން ގޮތް ގޮތުން ކަމަށް ވިޔަސް. ހިދުމަތްތަކަށް ބެލިކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ފެންނަން އޮތީ ކޮރަޕްޝަން. އަޅުގަނޑުމެންނަށް ފެންނަން އޮތީ ކަންކަން ނުކުރެވި ދިޔަތަން. އަޅުގަނޑުމެންނަށް ފެންނަން އޮތީ ޕްރޮޖެކްޓްތަކާއި މި ހުރިހާ އެއްޗެއް ހުއްޓިފައި އޮތްތަން.
ހީނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުތަކުގައި މަޝްރޫއުތައް ހުއްޓިފައި އޮތް މަންޒަރުތައް ފެނިގެންދިޔަ ކަމަށާއި، އެމަނިކުފާނުގެ އަރިހުގައި ރައްޔިތުން އެ ޝަކުވާތައް ކުރި ކަމަށެވެ.
ހީނާ ވަނީ އެމްޑީޕީން މީގެ ކުރިން ބޭނުންކުރި އެޖެންޑާ 19ގެ ޝިއާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެޖެންޑާ-19 އިން ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ހައްލު ގެނެސްދޭނެ ކަމަށްބުނެ އޭގެން ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ އެޖެންޑާ-19 ގެ ބޯހިޔާވަހިކަމުގެ ސިޔާސަތުވެސް ވީ ފެއިލްކަމަށާއި ކުރިއަށްގެންދެވުނު އެއްވެސް މެގަ ޕްރޮޖެކްޓެއް ނެތް ކަމަށެވެ. އަދި ސިއްހީ ދާއިރާއަށްވެސް ލިބުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށާއި އެޖެންޑާ-19 ވީ ފެއިލް ކަމަށް ހީނާ ވިދާޅުވިއެވެ. އެޔަށްފަހު އައި އެޖެންޑާ-20 އަކީ ވެރިކަން ގެއްލުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ގޮތުން އޮތް އެޖެންޑާއެއް ކަމަށް ހީނާ ވިދާޅުވިއެވެ.