ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަދި މިހާރު އެމްޑީޕީގެ ރައީސް އަކަށް ހުންނެވީ އަބްދުއްލާ ޝާހިދަކީ ބައިނަލްއަގުވާމީ ގޮތުން ދޮގު ހަދަން ވަރަށް މޮޅު ޕޮލިޓީޝަނެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަނޑައެޅި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ މަޝްރޫއުތައް ހުއްޓިފައޭ އަދ މި ސަރުކާރަކީ އެއްވެސް ކަމެއް ކުރެވޭ ސަރުކާރެއް ނޫނޭ ވިދާޅުވެ ޝާހިދު ޕޯޑިއަމްތަކުގައި ދައްކަވާ ދޮގު ވާހަކަތަކަކީ ކޮން ކަމެއް ހާސިލުކުރަން ދައްކަވާ ވާހަކަތަކެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ހީނާ ވިދާޅުވީ މަޝްރޫއުތައް ހުއްޓިފައި އޮތްކަން އެބޭފުޅުންގެ ވެރިކަމުގެ ތެރޭގައި އެނގިފައި އޮންނާނެ ކަމަށާއި މަޝްރޫއުތައް ހުއްޓެން ދިމާވި ގޮތް މި ސަރުކާރަށް ވަރަށް ރަނގަޅަށް އެނގިފައިވާ ކަމަށެވެ. އެގޮތުން އެއް މަޝްރޫއެއް ފަހަރަކު ކޮންޓްރެކްޓަރަކާ ހަވާލުކޮށް ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދިނުމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުތަކުގައި މަޝްރޫއުތައް ހުއްޓިފައި އޮތް މަންޒަރުތައް ފެނިގެންދިޔަ ކަމަށާއި، އެމަނިކުފާނުގެ އަރިހުގައި ރައްޔިތުން އެ ޝަކުވާތައް ކުރި ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ރައީސް މުއިއްޒު ދާދި ފަހުން ބޭއްވި ރަސްމިއްޔާތެއްގައި މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ހިސާބުތައް ރައްޔިތުންނާއި ހިއްސާކުރައްވާފައިވާނެކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް އޮޅުވާލާނެ ސަރުކާރެއް ނޫން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި މި ސަރުކާރުން ފަސް ނުޖެހޭނެކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރަކީ ވަރަށް ހަލުވި ދުވެލީގައި ކަންކަން ކުރިއަށް ގެންދާ ސަރުކާރެއް ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުހެން މި ސަރުކާރު ”ސްލޯ“ކޮށް ނުދާނެ ކަމަށާއި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބާރު ސްޕީޑުގައި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށެވެ.