ކުރީގެ ރައީސް ޔާމީނުގެ އަރިސް ބޭފުޅެއް ކަމަށްވާ ޑރ މުހައްމަދު ޖަމީލް އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ހާއްސަކޮށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓުތައް ވެސް ކުރައްވައެވެ.

އެހެން ބޭފުޅުންގެ އިހުލާސްތެރިކަމުގެ ވާހަކަދައްކަވާއިރު ސިޔާސީ ގޮތުން ޖަމީލު ފާހަގަކުރެވިފައި އޮންނަނީ އެއިރަކު ފައިދާވާން އޮތް ކޮޅަކަށް ޖެހޭ މީހެއްގެ ގޮތުގައި ކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.

ސިޔާސީ ދާއިރާގައި އުޅޭ ބައެއް ބޭފުޅުންވެސް ވިދާޅުވަނީ ޖަމީލަކީ ބުނާ ބަހެއްގެ އިތުބާރެއް އޮންނަ މީހެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނަށް ނިސްބަތްކުރައްވައި، ވަރަށް އެއްޗެހި ކިޔުމަށްފަހު މިހާރު އެމަނިކުފާނުގެ އަރިހުގައި މާ މާތް ވެގެން އުޅުއްވާތީ ރައީސް ޔާމީނަށް އަދި އެމަނިކުފާނުގެ ދަރިކަލުން ޒޭން އަށްވެސް އެކަން އެނގިވަޑައިނުގަންނަވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައިވެސް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ޔާމީން އަލަށް އުފައްދަވައިގެން އުޅުއްވާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ވަގުތީ ރައީސަކަށް ޒެއިން ހުންނެވިއިރު، މިހާރު ޒެއިން ވަރުގެ ރަނގަޅު މީހެއްވެސް ޖަމީލަކަށް ނެތް ކަމަށް ފާޑު ކިޔާ މީހުން ބުނެއެވެ.

ޒެއިންގެ ކައިވެނީގެ ހަފްލާގެ ފޮޓޯއެއް ހިއްސާކުރެއްވުމަށް ފަހު، ޖަމީލު ކިޔާފައި ހުރި އެއްޗިސް، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް މިއަދު ވަނީ އޭނާއަށް ހަނދާންކޮށްދެއްވައިފައެވެ.

ޖަމީލު އޭރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އާރަށުގައި ގަނޑުވަރަކާއި، ހިލާލީގޭގައި ދަރިފުޅު ކުޅެން ދަނޑަކާއި މުރައިދޫގެ 18 އަހަރު ވެފައި ތިބި ކުދިން ދިރިއުޅެން ކިއުއޭ އާއި ހިލާފަށް ކުއްޔަށް ދީފައިވާކަމަށެވެ. އަދި ވެރިންނަށް ވުމުން ރައްޔިތުންނަށް ވާ ވައުދު މަތިން ހަނދާން ނެތި، ތިމާމެންގެ ޖާހަތު އިސްކުރުން ނިމުމަކަށް އަންނާނީ ކޮން އިރަކުން ކަމާމެދު ޖަމީލު ވަނީ ރައީސް ޔާމީނަށް ސުވާލު އުފައްދަވާފައެވެ.

މި ބަސްތައް ޖަމީލަށް ހަނދާން ކޮށްދެއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ މި ވާހަކަތަކަކީ ހަމަ އެ މަނިކުފާނު ދައްކާފައި ހުރި ވާހަކަތައްތޯކަމާމެދު ޖަމީލާ ސުވާލު ކުރައްވާފައެވެ. އަދި ޖަމީލުގެ ލަދުހަޔާތް ކަފުންކޮށް ފަސްތަނުން ބަނދެފައި ވަޅުލީތޯ ވެސް އަބްދުއްރަހީމް ވަނީ ސުވާލުކުރައްވާފައެވެ.