142.9 މިލިއަން ޔޫއެސް ޑޮލަރު އަތޮޅެއްގެ ތެރެއަށް އިންވެސްޓްވެގެން އައުމަކީ އެއްވެސް ހާލެއްގައި ކުޑަކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ 142.9 މިލިއަން ޔޫއެސް ޑޮލަރު އަތޮޅެއްގެ ތެރެއަށް އިންވެސްޓްވެގެން އައުމަކީ އެއްވެސް ހާލެއްގައި ކުޑަކަމެއް ނޫންކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ޕްރޮޖެކްޓެއް ނިންމާ ޑެލިވަރކޮށް އެތަނުން މަންފާ ލިބޭގޮތަށް ޑިޒައިންކުރެވިގެން އަންނަ ޕްރޮޖެކްޓަކަށް މި ޕްރޮޖެކްޓް ވުމަކީ ވަރަށް އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ ތަރައްގީގެ އިންވެސްޓްމަންޓަކަށް އައްޑޫ ސިޓީ ރޮއެ އާދޭސްކުރާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި މިއަދަކީ އެ އާދޭސްތަކަށް ނިމުން އައިސް، އައްޑޫ ސިޓީގެ ކޮންމެ ރައްޔިތަކުވެސް ދެކެމުން އައި ބޮޑު ހުވަފެން ހަގީގަތަކަށް ވާން ފަށާ ދުވަސްކަމަށެވެ. އެގޮތުން އަދުގެ ސަރުކާރުން ވައުދުވެފައިވާ ހަލުވި ތަރައްގީއާއި ކުރިއެރުން އައްޑޫ ސިޓީން މިއަދު ބޮޑުކޮށް ފެންނަން ފަށައިފިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހަންކެޑެ މަޝްރޫއަކީ 2008 ވަނަ އަހަރުން ފެށިގެން އަޑު އަހަމުން އަންނަ ފަރިތަ ނަމެއް ކަމަށެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން އެ ޕްރޮޖެކްޓަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އައި ނަމަވެސް ރައްޔިތުން ބޭނުންވާ ސްޕީޑު ޑެލިވަރީގައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އިން އެންމެ އަވަސް ސްޕީޑުގައި ޑެލިވަރ ކުރަން ފެށި ޕްރޮޖެކްޓަކީ ހަންކެޑެ ޕްރޮޖެކްޓް ކަމަށެވެ. އެގޮތުން އެންމެ 4 މަސް ދުވަހުގެ ތެރޭގައި ބިންގާ އެޅި، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
2082 އެނދުގެ ހަންކެޑެ މަޝްރޫއު ނިމިގެންދާއިރު 1986 ވަރަކަށް ސީދާ ޑައިރެކްޓް ވަޒީފާ އުފެދިގެންދާނެ ކަމަށާއި އެއާ ގުޅިގެން އަންނަ އިންޑަސްޓްރީތަކާއެކު އިތުރު 1635 ވަޒީފާ އުފެދިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން އައްޑޫ ސިޓީގައި ވަޒީފާއަށް ބޭނުންޖެހިފައި ތިބި ގިނަ ފަރާތްތަކުގެ އުއްމީދުތައް ހާސިލުވެގެންދާނެ ކަމަށެވެ.

ބަލަމާ!