މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އެންޓި-ކެމްޕެއިން ކުރަމުން އަންނާތީ ޕީޕީއެމް/ޕީއެންސީން އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަނޑައެޅި ތަރުޖަމާނު ހީނާ ވަލީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްޑީޕީން ކުރަމުން އަންނަ އެންޓި-ކެމްޕެއިނާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީން ކަންބޮޑުވާކަމަށާއި، އެ މައްސަލަ މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ.

އެމްޑީޕީގެ ސިޔާސަތު ވިއްކުމުގެ ބަދަލުގައި އެ ޕާޓީން ކުރަމުން އަންނަނީ އެންޓި-ކެމްޕެއިން ކަމަށާއި އެއީ ގާނޫނުތަކާއި ހިލާފުކަމެއް ކަމަށް ހީނާ ވަނީ މީގެ ކުރިން ވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ހީނާ ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިނުގައި ބޭނުންކުރާ ބެނާތަކާއި ޕޯސްޓަރުތަކުންވެސް އެމްޑީޕީގެ އެއްވެސް ސިޔާސަތެއް ފެންނަން ނެތް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައާއި މަގުމަތީގައި ދަމާފައިހުރި ބެނާ އަދި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކަށް އެމްޑީޕީން ގެއްލުން ދެމުން އަންނަ ކަމަށާއި، ކަމާބެހޭ މުވައްސަސާތަކުން މިކަންތައް ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހީނާ ވިދާޅުވިއެވެ.