ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމަށް މާދަމާއަށް ތާވަލުކޮށްފައިވާއިރު، އެމަނިކުފާނު މާދަމާ މިނިވަންވުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގދ އަތޮޅުގެ ކެމްޕެއިން ހަރަކާތެއްގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އުއްމީދުކުރަނީ މާދަމާ ރައީސް ޔާމީނު މިނިވަންވާނެ ކަމަށް ކަމަށާއި، ދުއާއަކީ އެމަނިކުފާނަށް އިންސާފު ލިބިގެން ދިއުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކޮށްފައިތިބި ބޭފުޅުންނަށް މި ސަރުކާރުން ޖެއްސުން ނުކުރާނެ ކަމަށާއި، މާދަމާ ޔާމީން މިނިވަން ވެއްޖެނަމަ ފެނިގެންދާނީ ރާއްޖޭގައި ރައީސްކަން ކުރައްވާފައިތިބި ހުރިހާ ބޭފުޅުންވެސް މިނިވަންކަމާއެކު އުޅެމުންދާތަން ކަމަށެވެ.

ވެރިކަން ނިމުމަށްފަހު މީގެ ކުރީގައި ކަންކުރި ގޮތަށް އެބޭފުޅުން ހައްޔަރުކޮށްގެން ބަދަލު ހިފުމުގެ ރޫހުގެ ތެރޭގައި މި ގައުމު ގެންދަން ބޭނުން ނުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮންޓްރޯލް އޮތީ މިހާރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް ބޭފުޅުންގެ އަތްމަތީގައި ކަމަށެވެ. އެގޮތުން ޖޭއެސްސީގެ ރައީސަކީވެސް އެމްޑީޕީ ބޭފުޅެއްޅެއް ކަމަށާއި މަޖިލީހުގެ ރައީސަކީވެސް އެމްޑީޕީގެ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ހުކުމާ ހަމަޔަށް ގޮސް ހައި ކޯޓުގައި މަޑުޖެހިފައި އޮންނަތާ ހަތަރު މަސްވެފައިވާ މި މައްސަލައިގެ ހުކުމް ކުރަން މާދަމާއަށް ނިންމާފައިމިވަނީ، ހުކުމް ކުރުމުގެ މަރުހަލާގައި އެހާ ބޮޑަށް ލަސްވެފައިވާ މައްސަލަ ބަލަން ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް މިފަހުން ވިދާޅުވެފައިވަނިކޮށެވެ.

އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަސްލަމް އެހެން ވިދާޅުވިތާ ”ދެތިން ދުވަސް“ ތެރޭގައި މާދަމާއަށް އެ މައްސަލަ ޝެޑިއުލްކޮށްފައިވާކަމަށެވެ. އަދި މި ހުރިހާ ދުވަހު މައްސަލަ ތާވާލުނުކޮށް ހިފެހެއްޓީވެސް އެބޭފުޅުން ކަމަށާއި، އަދި އެބޭފުޅުން ބޭނުންފުޅުވުމުން މައްސަލަ ތާވަލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެން ދޭހަވަގެންދަނީ އެބޭފުޅުންގެ ކޮންޓްރޯލް އަދިވެސް ޖުޑިޝަރީތެރޭގައި ހިނގާ ކަމަށެވެ. އަދި އެކަމާ ވަރަށް ހިތާމަކުރައްވާކަން ފާހަގަކުރައްވާ ރައީސް ވަނީ ޖުޑިޝަރީއަށް އެމްޑީޕީން ނުފޫޒު ފޯރުވުން ކުށްވެރިކުރައްވާފައެވެ.

ރައީސް ވިދާޅުވީ ގާނޫނުތަކަށް ބަދަލު ގެނެސްގެން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި، އެކަން ކުރެވޭނީ ”ދިވެހީންގެރާއްޖެ“ ގެ ވިސްނުމުގައި ތިބި ކެންޑިޑޭޓުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ޔާމީންގެ މައްސަލަ އިންސާފުވެރިކަމާއެކު އަވަހަށް ނިންމައިދިނުމަށް މީގެ ކުރިންވެސް ގޮވާލައްވާފައިވާނެ ކަމަށެވެ. އަދި އިންތިހާބުވެވަޑައިގަތުމަށްފަހު ރައީސް ޔާމީން ގެޔަށް ބަދަލުކުރުމަށް ގޮވާލައްވާފައިވާކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި ދުވަހު އެކަން ފަހިވެގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމާއެކުވެސް، އެ ހިނދުން ފެށިގެން ޝަރުއީ ދާއިރާ މިނިވަންވެފައިވާކަމަށް އިއުލާނުކުރައްވާފައިވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ހުންނެވީ އެ ވައުދުގެ މަތީގައި ކަމަށާއި ސަރުކާރަށް މިވީހާ ދުވަހުވެސް ރާއްޖޭގެ ޝަރުއީ ދާއިރާއަށް ފޯރުވާފައި އޮތް ނުފޫޒެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ހުއްޓުވުމަށްވެސް އެކި ކަހަލަ ހުކުމްތައް އަންނަ ކަމަށާއި، އެގޮތުން ގުޅީފަޅުގެ ބިންހިއްކުމުގެ މައްސަލަވެސް މިދޭތެރެއިން ހުއްޓާލަން ޖެހުނު ކަމަށެވެ. އަދި ސަރުކާރުން ނުފޫޒެއް ފޯރުވާނަމަ އެގޮތަށް އެކަން ނުހިނގީސް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ސަރުކާރުގެ ފަރާތުން މިފަހަރު ވާދަކުރެއްވި އާޒިމާ ޝަކޫރާ ދެކޮޅަށްވެސް މައްސަލައެއް ނިންމި ކަމަށާއި އެ މައްސަލައަށްވެސް އެއްވެސް ނުފޫޒެއް ސަރުކާރުގެ ފަރާތުން ފޯރުވާފައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.