ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ސަރުކާރާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުން އަންނައިރު، ރައްޔިތުންގެ ކައިރީގައި ގޭސް އަނބުރަންވެސް ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަ ދެއްކުމަށް ޕީއެންސީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ނިމާލް މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން މިނިވަން ނުކުރުމަށާއި އެކަން ކުރާނީ އެމަނިކުފާނުކަމަށް ސޯލިހް ކައިރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެންނެވި ކަމަށް ސޯލިހް ވިދާޅުވިކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވުމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ކުރެއްވި ޕޯސްޓުގައި ސޯލިހަށް ވިދާޅުވީ ހަޔާތުން ކޮންމެ ދުވަހެއްވެސް ސޯލިހު ހޭދަކުރައްވަނީ ދޮގާއި ނުބައި ވަސްވާން ރައްޔިތުންގެ ބޮލަށް ވެއްދުމުގައި ކަމަށެވެ. ދޮގު ބުހުތާނު ވާހަކަ ފަތުރައިގެން ރައީސް މުއިއްޒުގެ އަބުރުފުޅު ކަތިލާ، ވެރިކަމުގެ ބާރު ޖަހައިގަންނަން ފިތުނައާއި ފަސާދަ ކުރުން ނޫންކަމެއް ނުކުރަނީތޯ ކަމާމެދު ނިމާލު ވަނީ ސުވާލު އުފައްދަވާފައެވެ.
ސޯލިހުގެ ވެރިކަން ރައްޔިތުން ބަދަލުކުރީވެސް ހައްދު ފަހަނައަޅާ މިންވަރަށް ރައްޔިތުންނަށް ދޮގު ހައްދަވާތީ ކަމަށާއި ގައުމު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލީ ވެސް ސޯލިހު ކަމަށް ނިމާލް ވިދާޅުވިއެވެ.
އެކަން ރައްޔިތުން އަދި ހަނދާން ނެތޭހާ ދުވަސް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ ރައީސް މުއިއްޒު އިންތިހާބުވުމާ ގުޅިގެން އެރޭ އެންމެ ފުރަތަމަވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދެއްވުމަށް ސޯލިހަށް ގޮވާލާފައިވާނެ ކަމަށެވެ. އަދި އެރެއިން އެރެއަށް ނުވާނަމަ ޖެހިގެން އަންނަ ދުވަހު އެކަން ކުރުމަށް ރައީސް ވަނީ ގޮވާލާފައެވެ.
ސޯލިހު އަޑު އަހަން ކިތަންމެ ބޭނުންފުޅު ނުވިނަމަވެސް ރައީސް ޔާމީން ގެޔަށް ބަދަލުކުރެއްވި ރައީސަކީ ރައީސް މުއިއްޒު ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، އެމަނިކުފާނު އިންތިހާބު ކާމިޔާބުކުރުމާއެކު ސޯލިހު ގޮތް ހުސްވީ ކަމަށް ވިދާޅުވެ، ނިމާލު ވަނީ އިތުރު އެއްވެސް ގޮތެއް ނެތި ޔާމީން ގެޔަށް ބަދަލުކުރަން ސޯލިހަށް މަޖުބޫރުވީ ކަމަށް ވިދާޅުވެފައެވެ.
ނިމާލް ވިދާޅުވީ ރައްޔިތުންގެ ކައިރީގައި ގޭސް އަނބުރަންވެސް ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަ ދައްކާނަމަ ރަނގަޅުވާނެ ކަމަށާއި ސޯލިހް އަދިވެސް އުޅުއްވަނީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ރައްޔިތުން ދިން ލޯތްބާއި ތާއީދު ހަޖަމު ނުވެގެން ކަމަށެވެ.
އަދި ރައީސް މުއިއްޒަށްވުރެ މާ ކުރިން ރިޔާސީ އުންމީދުތައް ކުރެއްވި ބޭފުޅުންނަށް އެ އުންމީދުތައް ހާސިލުނުވުމަކީ ރައީސް މުއިއްޒު އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ރައްޔިތުންގެވެސް ކުށެއް ނޫން ކަމަށް ނިމާލް ވިދާޅުވިއެވެ.
