ހިޔާ ޓަވަރުތަކުގެ އިތުރު ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހިޔާޓަވަރު 2 ގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް ޑރ. އަލީ ހައިދަރު އަހްމަދު އާއި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މަޝްރޫއު ނިމޭއިރު ޖުމުލަ 32 ލިފްޓް ހިޔާ ޓަވަރުތަކުގައި ހަރުކުރެވޭނެއެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު ޕެސެންޖަރ ލިފްޓަކާއި، ސްޓްރެޗަރ ލިފްޓެކެވެ.

ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޝެންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕް އާއެވެ. އަދި 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ކަނޑައެޅިފައެވެ.

މި މަޝްރޫއުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.