ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާތީ އުފާކުރައްވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން އިއްޔެ ބާތިލް ކުރުމާ ގުޅިގެންނެވެ.

މިނިސްޓަރު ވަނީ، ރައީސް ޔާމީން މިނިވަންވެވަޑައިގަތުމުން އުފާ ކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވައި އަޑުއެހުންތައް ލަސްކުރަމުން ދިޔައީ ސިޔާސީ ބޭނުމެއްގައި އެމްޑީޕީން ކަމަށް ވިދާޅުވެފައެވެ.

”މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ވޯޓު އެމްޑީޕީއަށް ހޯދުމަށް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުން ދާކަން ކޮންމެ މީހަކަށްވެސް އެނގޭނެ.“ އާދަމް ޝަރީފު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ކުރިން ވެސް ވިދާޅުވަމުން ގެންދަވަނީ، އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމާއިއެކު، ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވާނެ ކަމުގައެވެ. އެ ނުފޫޒު ހަގީގަތުގައި ވެސް ނިމުމަކަށް އައިސްފައިވާކަން، އިއްޔެގެ މައްސަލައިގެ، ހުކުމުން ސާފުވާ ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.