އެމްޑީޕީގެ ވެރިކަން ދިވެހި ރައްޔިތުން ބަދަލު ކުރި މައިގަނޑު އެއް ސަބަބަކީ، އިސްލާމް ދީނަށް ފުރައްސާރަ ކުރި ބަޔަކަށް އިސް މަގާމުތައް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިރޭ ވަނީ، ވެރިރަށް މާލޭގައި، އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޮވަން ޖެހޭ ގިނަ ސަބަބުތަކަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ބޭއްވި ރިޔަސީ އިންތިހާބުގައި، ”ދިވެހީންގެރާއްޖެ“ އެއް ހޯދަން ރައްޔިތުން ބޭނުންވި އެއް ސަބަބަކީ އޭރު ހިންގަމުން ދިޔަ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އިން ލާދީނީ ރިޕޯޓު ނެރުމުގައި ބައިވެރިވި ބައެއް ފަރާތްތަކަށް ސަރުކާރުން އިސް ވަޒީފާތައް ދިނުމެވެ.
”މި ދެންނެވީ އެމްޑީއެންގެ ރިޕޯޓު ހެއްދެވި ބޭފުޅުންގެ ވާހަކަ. އެކަން ކަމު ނުދިޔައީމަ، ދިވެހީންގެރާއްޖެ އަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ މީހުންނަށް އިސްކަންދޭ، އިސްލާމްދީނަށް ނަސްރުދޭ ބައެއްގެ އަތްމަތީގައި އޮންނަން ޖެހޭނެ، އިސްލާމްދީނަށް ނަސްރުދޭ ވެރިކަމެއް އޮންނަން ޖެހޭނެ ގައުމެއްގެ ގޮތުގައި ރައްޔިތުން ގަބޫލު ކުރާތީ، މި ދެންނެވި ބަދަލު ގެނައި މައިގަނޑު އެއް ސަބަބަކީ.“ ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި، އެމްޑީއެންގައި މަސައްކަތް ކުރި މީހުންނަށް އިސް މަގާމުތައް ދިންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން، އެމްޑީޕީގެ ސަރުކާރަށް އޭރު އާއްމުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވިއެވެ.
އެ ސަރުކާރުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި ހުންނެވީ އެމްޑީއެންގެ ޗެއާޕާސަން އައިޝަތު ނޫޝިން ވަހީދެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި، ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި މުހައްމަދު ހަމީދު އަކީ އެމްޑީއެންގެ ޗެއާޕާސަންގެ ނައިބުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.