ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ، ހާލަތު ބަދަލު ކުރުމަށް ކަމަށް އައްޑޫ ހިތަދޫ މެދު ދާއިރާ އަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.

Ads by Asuru

އަޒާން މިހެން ވިދާޅުވެފައި ވަނީ، އައްޑޫ ސިޓީގެ ރައްޔިތުންނާއިއެކު، މިރޭ ބޭއްވި ބައްދަލުވުމުގައެވެ. އައްޑޫގެ އާބާދީގެ 45 އިންސައްތަ، އެކި ސަބަބުތަކާއި ހެދި، ރަށުން ބޭރުގައި އުޅެން ޖެހިފައިވުމަކީ އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ.

އައްޑޫ ސިޓީއާއިމެދު، ރައީީސް މުއިއްޒުގެ ތަސައްވުރެއް އޮތްކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އައްޑޫ ބްރިޖުގެ މަޝްރޫއުއާއި، އާ ޕަވަރ ސްޓޭޝަނެއް އެޅުމުގެ މަޝްރޫއުއާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށަން އުޅެ ވެސް ނުފެށުނު ހަންކެޑެ މަޝްރޫއު ވެސް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

”އެހެންވީމަ، މިކަމުން ދައްކައިދެނީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ހެޔޮ ނިޔަތް އެބައޮތްކަން، އައްޑޫ ތަރައްގީ ކުރަން.“ އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ، ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓާ ގުޅިވަޑައިގެން ައައްޑުއަށް ތަރައްގީ ގެންނާން ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން އެދޭ ސްޕީޑުގައި ތަރައްގީ ގެނެވޭނީ، ސަރުކާރަށް އެއްބާރުލުން ދޭ މަޖިލީހެއް އޮވެގެން ކަމަށެވެ.

އަޒާން ވިދާޅުވީ އައްޑޫ ހިތަދޫގައި ވަޒީފާގެ ފުރުސަތުތަކެއް ނެތް ކަމަށާއި، މަސް މާރު ކޭޓެއް ވެސް ނެތް ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީ ވެސް ދެވެން ނެތްއިރު، މުނިފޫހި ފިލުވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި އިގްތިސާދީ ފުރުސަތުތައް ވެސް އެ ސިޓީގައި ނެތްއިރު، އެހެން ރަށްތަކާ އަޅާބަލާއިރު، އައްޑޫގެ ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށް ވިދާޅުވިއެވެ.