ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ ”އައްޑަނަ މަޖައްލާ“ ގެ 35 ވަނަ އަދަދު ނެރެދެއްވައިފިއެވެ.

”އައްޑަނަ މަޖައްލާ“ ގެ 35 ވަނަ އަދަދު ނެރެދެއްވާފައި ވަނީ މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަހުރުވެރި 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި މަޖައްލާ ނެރެދެއްވީ އިއްޒަތްތެރި ދިފާއީ ވަޒީރު، ޣައްސާން މައުމޫންއެވެ.

އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވަރ ސްޓޯރީ ބިނާކޮށްފައި ވަނީ ”ދިވެހި ސިފައިންނާއި ދިވެހި ގައުމިއްޔަތު“ މި މައުޟޫއުގެ މައްޗަށެވެ.

މިފަހަރުގެ މަޖައްލާގައި ގައުމީ، އިޖްތިމާއީ، ދީނީ، ސިއްހީ، ތާރީހާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ އިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވެއެވެ.