އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ބުނެދިދީ ރައްޔިތުން ބޭނުންވަނީ ތަރައްގީއާއި ގައުމުގެ ހަމަޖެހުމާއި މިނިވަންކަން ޔަގީން ކުރަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލީ އާރިފް ވިދާޅުވެއްޖެއެވެ.

Ads by Asuru

އާރިފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އިއްޔެގެ އިންތިހާބުން ރައްޔިތުން ބޭނުންވާ ކަންކަން ބުނެދީފިކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވަނީ ގައުމުގެ މިނިވަންކަމާއި މުސްތަގިއްލު ހިމާޔަތްކުރުން ކަމަށާއި އަމިއްލަވަންތަކަމާއި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށްކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ތަނަވަސްކަމާއި ތަރައްގީއާއި ކުރިއެރުން ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަށް ކުރާ އިތުބާރާއި އެމަނިކުފާނު ގެންގުޅުއްވާ ޕްލޭނަށް ރައްޔިތުން ފުރިހަމައަށް ތާއީދުކުރާކަން އިއްޔެގެ އިންތިހާބުން ހާމަވެގެން ދިޔަކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް މިފަދައިން ވިދާޅުވެފައިމިވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 70 އެއްހާ ގޮނޑި ސަރުކާރަށް ކާމިޔާބު ކުރެވި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ މި ސަރުކާރަށް ރައްޔިތުން ހަވާލުކުރުމާއި ގުޅިގެންނެވެ.

މި ގައުމަށް ހަލުވި ދުވެލީގައި އޮމާންކަމާއެކު ތަރައްގީ ގެނެސް، ގައުމުގައި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ސަރުކާރުން ތާއިދުކުރާ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވެގެންކަން ރައީސް އައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މި އިންތިހާބުން ހާމަވެގެން މިދިޔައީ ރައްޔިތުން ބޭނުންވަނީ ތަރައްގީކަމަށާއި، ރައްޔިތުން ބާރުވެރިކުރުވާ ފުދުންތެރިކުރުވާނެ ރައީސަކީ ރައީސް މުއިއްޒު ކަމެވެ.