ވެރިކަމުގައި ފާއިތުވެ ދިޔަ ފަސް މަސް ދުވަހަށްވުރެ، އެތައް ގުނައެއް އަވަސްކޮށް ދިވެހި ގައުމު ތަރައްގީ ކުރައްވާނެ ކަމަށާއި، ސަރުކާރުގެ އިސްވެރިން އުޅުއްވަން ޖެހިވަޑައިގަންނަވާނީ 24 ގަޑިއިރު ހޭލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ސުޕަރ މެޖޯރިޓީ ލިބުން ފާހަގަ ކުރުމަށް ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ.

ޕީޕީއެމް/ޕީއެންސީގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ނިމިގެންދިޔަ އިންތިހާބުގައި ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި، ދިން ތާއީދާއެކު ދެން އޮތީ ތަރައްގީއަށްޓަކައި މަސައްކަތް ކުރުމާއި އެ މަސައްކަތުގެ ދުވެލި އަވަސް ކުރުން ކަމުގައެވެ.

ފާއިތުވި ފަސް މަސް ދުވަހު، ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް ކަންކަމުގައި ކޮންމެވެސް ވަރަކަށް ނަތީޖާ ނެރެވުނުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދެން އޮތީ ސްޕީޑު އެތައް ގުނައެއް އަވަސްކޮށް، ރައްޔިތުން އެދޭ ތަރައްގީ ގެނައުމުގެ މަސައްކަތް ފެށުން ކަމަށެވެ.

”އިރާދަކުރެއްވިއްޔާ، ދެން ފެށޭނީ، މި ގައުމު ތަރައްގީ ވާން. އަޅުގަނޑު، އަޅުގަނޑުގެ ކެބިނެޓުގެ މެމްބަރުންނަށާއި، ކުންފުނިތަކުގެ ވެރިންނަށް އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ، މި ވޭތުވެދިޔަ ފަސް މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ. ތި ބޭފުޅުން ދެން އުޅުއްވަން ޖެހޭނީ، 24 ގަޑިއިރު ހޭލައޭ. ހަމަ ސީރިއަސްކޮށް މި ދަންނަވަނީ، އަޅުގަނޑު ބޭނުންވަނީ ތަރައްގީ، ރައްޔިތުންނަށް އަޅުގަނޑު ވައުދުވީ ގޮތަށް ގެނެސްދޭން.“ ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިން. 📸ޕީއެންސީ

 

ރައީސް ވަނީ އެމަނިކުފާނުގެ އެންމެ މުހިންމު ސިޔާސަތުގެ ގޮތުގައި ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ތާ އަބަދަށް ހައްލު ކޮށްދިނުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން ރޭގެ ޖަލްސާގައި ވެސް ރައްޔިތުންނަށް ދެއްވާފައެވެ.

ފާއިތުވެ ދިޔަ ފަސް މަސް ދުވަހު، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވައި ރައީީސް ވިދާޅުވީ، ދެން އޮތީ، އިގްތިސާދީ ކުރިއެރުމަށް މަޖިލީހުގެ ތެރެއިން ކޮށަން ޖެހޭ ހުރިހައި މަގެއް ކޮށައި، ކޮންމެ ރައްޔިތަކަށް މުއްސަނދިކަން އިހްސާސް ވިޔަ ދިނުމަށްޓަކައި ކުރަން ޖެހޭ ބުރަ މަސައްކަތްތައް ކުރުން ކަމަށެވެ.