ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވައިލައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފައިވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމަށް މިއަހަރު ފުރުސަތު ހުޅުވައިލައްވައިފައިވަނީ ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާއެއް އިތުރުކުރައްވާފައެވެ.

އެއް ދާއިރާއަކީ، ދިވެހި ގައުމިއްޔަތުގެ ދާއިރާއެވެ. ދިވެހި ގައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން ހިމެނެއެވެ.

ގައުމީ އިނާމާބެހޭ ކޮމިޓީން އިތުރުކުރައްވާފައިވާ އަނެއް ދާއިރާއަކީ، ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއެވެ.

މި ދާއިރާއިން އިނާމު ދިނުމުގައި ބައްލަވާގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ހާއްސަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމައުން ބަލައިގެންފައިވާ ހާއްސަ ހިދުމަތަށާއި، ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ހާއްސަ ހިދުމަތަށެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވައިގެންނެވެ.

ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، http://apply.presidency.gov.mv އަށެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށެވެ.

ގައުމީ އިނާމު މި އަހަރު ދެއްވާނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.