ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އިސްކަން ދޭނެ ކަމަށެވެ.
އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ބުންޏެވެ.
”މީގެ އިތުރުން ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް މިކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.“- އެޗްޑީސީ
އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ ވަސީލަތްތައް ގާއިމްކޮށް ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ކަމަށެވެ.