ރާއްޖޭގައި ޗިކުންގުންޔާ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާތީ، އެ ބަލި ޖައްސާ މަދިރިއާމެދު ސަމާލުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު އެދިވަޑައިގެންފިއެވެ.

Ads by Asuru

ހަލީލު އެކްސްގައި ވިދާޅުވީ، ‏ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރުދަނީ އިތުރުވަމުން ކަމަށެވެ.

އެގޮތުން، މި މަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން 59 ވޭދަނަ ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ވިއްސާރަ މޫސުން ކުރިޔަށް އޮތުމާއެކު، ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ.
ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން. މިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން.“

މި ބަލި ޖެހެނީ، ބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް، ބަލި ނުޖެހޭ މީހެއްގެ ހަށިގަނޑުގައި ހެފުމުންނެވެ.

ޗިކުންގުންޔާގެ އަލާމާތްތައް:

  • ވަރަށް ގަދަ ހުމެއް އައުން
  • ހުޅުތަކުގައި ރިއްސުން
  • ހުޅުހުޅު ދުޅަވުން
  • ބަނޑުގައި ރިއްސުމާއި ހޮޑު ލެވުން
  • ގައިގައި ރަތް ބިހިތަކެއް ނެގުން

ޗިކުންގުންޔާ ބަލި ޖެހޭ ބައެއް މީހުން، އެ ބަލީގެ އަލާމާތްތަކުން ސަލާމަތްވުމަށް ދިގު މުއްދަތެއް ހޭދަވެއެވެ. އެ ބަލީގެ ސަބަބުން ހުޅުތަކުގައި ރިއްސާއިރު، މިކަން ގިނަ ދުވަސްވަންދެން ތަހައްމަލު ކުރަންޖެހެއެވެ.

ކުރިން ޗިކުންގުންޔާ ޖެހިފައިވާނަމަ، ދެވަނަ ފަހަރު މި ބަލި ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށް ސިއްހީ މައުލޫމާތު ހިމެނޭ ލިޔުންތަކުންގައިވެއެވެ.