އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ހަތަރު ގެއަކަށް ފެން ވަދެ، ގެއްލުންތައް ވެއްޖެއެވެ.

Ads by Asuru

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ އެ ސިޓީގައި ފެންބޮޑުވެ ބައެއްގޭގެއަށް އަސަރުކުރަމުންދާ ކަމަށެވެ.

އެގޮތުން ފޭދޫގެ މަގުތަކުގައި ވެސް ފެންބޮޑުވީއިރު، އެމްއެންޑީއެފް އިން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

އަދި ހަތަރު ގެއެއްގައި ދިރިއުޅެން ދަތިވާވަރަށް ފެންބޮޑުވެ، އެގޭތަކުގައި ދިރިއުޅޭ އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއެކު ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ހާމަ ކުރެއެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި 30 އަށްވުރެ ގިނަ ގެއަށް ފެން ވަދެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން، މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކޮނެފައިވާ ވަޅުތަކާއި ލިންކް ރޯޑުގައި ހެދިފައިވާ ވަޅުތަކަށް ވެސް ސަމާލުވުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.