ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަ ކުރަން، އެކި ސަރަހައްދުތަކުގައި ހަވާ އަރުވަމުންދަނީ ސަރުކާރުގެ ހަރަދުގައި ކަމަށް ބުނެ، ފެތުރަމުންދާ ވާހަކަ ދޮގު ކޮށްފިއެވެ.

Ads by Asuru

ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެކްސްގައި ވިދާޅުވީ، ޕީއެންސީގެ ވަކި ވަކި ކެންޑިޑޭޓުންގެ ކާމިޔާބީ ފާހަގަ ކުރުމަށް ހަވާ އަރުވާ ނިމޭއިރު، އެކަމަށް 11 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އަދި މިއީ ހަމައެކަނި ބަޑިބޭހަށް ހަރަދުވާ ފައިސާ ކަމަށާއި، ތައްޔާރީތަކަށާއި އެހެނިހެން ހަރަދުތައް އެއްކުރުމުން އެފައިސާއިން ބޮޑު ޕްރޮޖެކްޓެއް ހިންގިދާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހުގެ މި ތުހުމަތަށް ރައްދު ދެއްވައި، ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ އިބްރާހީމް އަބާން އަބްދުއްލަތީފު ވިދާޅުވީ، މަޖިލިސް އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުން އުފާ ފާޅު ކުރުމަށް ކުރާ ކަންކަމަކީ އެ ކެނޑިޑޭޓެއް އަމިއްލައަށް އަމިއްލަ ހަރަދުގައި ކުރާ ކަންކަން ކަމުގައެވެ.

”ތިފަދަ ދޮގު ވާހަކަ ފަތުރާގެން ރައްޔިތުންގެ ހިތުގަ ނަފްތަރު އުފެއްދި ޒަމާން މާޒީވެއްޖެ. އެޔަށްވުރެ ދިވެހީން މިހާރު ހޭލުންތެރިވާނެ.“ އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މަރިޔަމް ޝިއުނާ ވެސް ވިދާޅުވީ، ހަވާ އެރުވުމަށް ހަރަދުކުރަނީ ސަރުކާރަކުން ނޫން ކަމަށާއި އެއީ އިންތިހާބުވި މެމްބަރުންނާއި އެ މެމްބަރުންނަށް އެހީދޭ ފަރާތްތަކުން އަމިއްލަ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕީއެންސީން ވާދަ ކުރެއްވި 66 ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބު ކުރެވުނުއިރު، މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައި ކާމިޔާބު ހޯއްދެވި  ހަ ކެންޑިޑޭޓަކު ވަނީ، އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.