ސިފައިންގޭގައި މަސައްކަތް ކުރާ ސިފައިން ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެގޮތަށް ގެދޮރު މިލްކުވާ އުސޫލަކުން އެކަން ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by Asuru

މިކަން ހާމަކުރެއްވީ، 70 ވަނަ ސިފައިންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސް ބޭނުންފުޅުވަނީ ސިފައިން ފަރުދީ ގޮތުން ބޭނުންވާ ކަންކަންވެސް ހާސިލްކޮށްދެއްވުން ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ވިސްނުންފުޅުގައި އޮތީ ސިފައިންގެ ހިދުމަތަކީ ޒުވާނުންނަށް ”ކެރިއަރ ޕާތް“ އެއްގެ ގޮތުގައި ހަމަޖައްސަވާ ދެއްވުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

އެހެންކަމުން އެކަން ފުރިހަމަ ކޮށްދިނުމަށް ސިފައިންގެ ތެރޭގައި ދިގުމުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކްވާނެ ގޮތެއް ހަމަޖައްސަވާ ދެއްވުމަށް ރައީސް ނިންމާފައިވާކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.

ނަމަވެސް، އެކަން ކުރިއަށް ގެންދަވާނެ ގޮތުގެ ތަފުސީލް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.