މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރު ކުރުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ، ކުރީ ސަރުކާރުން ހެދި ގޯސްތައް ރަނގަޅު ކުރުމަށް ކަމުގައެވެ.

”އެ ހިސާބުން ފެށިގެން އަޅުގަނޑަށް ހީވަނީ، ރައްޔިތުން އެ ދައްކަން ޖެހޭ ފައިސާއެއް ވިޔަސް، ނުވަތަ އެ ހޭދަ ކުރަން ޖެހޭ ހޭދައަކަށް މާ ބޮޑު ދަތިތަކެއް ނުވަތަ ތަކްލީފެއް ނާންނާނެ. އަޅުގަނޑުމެންގެ މި ސަރުކާރުގެ އަމާޒަކީ ހަގީގަތުގައި، ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ކުރުން.“ ހީނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރު ކުރުމަށްޓަކައި، ސަރުކާރުގެ މެނިފެސްޓޯގައި ގިނަ ކަންކަން ހިމަނާފައިވާނެކަން ފާހަގަކުރައްވައި، އެންސްޕާގެ ސީ.އީ.އޯގެ މަގާމުގައި ވެސް ހުންނެވި ހީނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަކީ އެ މަސައްކަތުގެ ތެރެއިން ކުރެވޭނެ މުހިންމު ކަމެއް ކަމުގައެވެ.

މި ސަރުކާރާއި ހިލާފަށް، އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިތުރު ކުރީ، ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި، ރައްޔިތުންނަށް ވަޒީފާގެ ދަތިތައް ކުރިމަތިވެ، މާލީ ގޮތުން ވަރަށް ދަތި ދުވަސްވަރެއްގައިކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ޖީބަށް ވަންނަ ބައި އިތުރު ކުރުމަށްފަހު، ވަށާ ޖެހޭ ގޮތެއްގައި ޓެކްސް ނެގުން ފަދަ ކަންކަން ކުރިއަށް ގެންދިޔުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.