ކުރީ ސަރުކާރުން ”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ގެ ނަމުގައި މިދިޔަ ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ދެ މަޝްރޫއު އާއި ގުޅޭ މައްސަލަތައް ބެލުމަށް އުފެއްދި ފްލެޓް ކޮމިޓީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ފްލެޓުތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ވަރަށް ގިނަ ކަންކަން ފާހަގަކޮށްފައިވާ ކަމަށާއި، ފްލެޓް ކޮމިޓީން އެކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެ ފްލެޓުތައް އަޅާ ނުނިމޭއިރު، އަމާޒަކީ ފްލެޓުތަކުގެ މަސައްކަތް ނިމެންވާއިރަށް، އެ ތަންތަނުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލު ކުރެވިގެން ދިޔުން ކަމަށް ހީނާ ވިދާޅުވިއެވެ.

”ފްލެޓު ކޮމެޓީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ، އަޅުގަނޑުމެން އުއްމީދު މި ކުރަނީ، އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިމި، ހައްގުވެރިންނަށް ވީހާވެސް އަވަހަކަށް ލިބޭނެ ގޮތް ވެގެން ދިޔުން.“ ހީނާ ވިދާޅުވިއެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް ނިމިދިޔަ ސަރުކާރުން އެކުލަވާލައި އާންމުކުރިއިރު އެ ލިސްޓްގައި ހުރި މައްސަލަތައް އޭސީސީ އިން ބެލުމަށްފަހު ވަނީ ލިސްޓްގައިވާ 60 އިންސައްތަ މީހުންނަކީ ނުހައްގުން ލިސްޓްގައި ހިމެނޭ މީހުން ކަމަށެވެ. އޭސީސީ އިން ބުނާ ގޮތުގައި ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓް ލިބުމަށް ޝަރުތު ހަމަވަނީ ހަމައެކަނި 20 އިންސައްތަ މީހުންނެވެ.

އޭސީސީ އިން ފްލެޓް ލިސްޓްގެ މައްސަލަ ބެލުމަށްފަހު ލަފާ ދީފައިވަނީ ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ހަވާލުކުރުމަށެވެ.