ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ރޯދަމަހުގެ ޔުޓިލިޓީ ބިލްތަކުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފިއެވެ.

Ads by Asuru

ރައީީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ރައީސްގެ ނިންމެވުމާ އެއްގޮތަށް، ރޯދަ މަހު ކުރާ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރޯދަ މަހު ފޮނުވާ ބިލަށް ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ޑިސްކައުންޓް ދީފައިވާ ކަމަށާއި، އޭގެތެރޭގައި އަލަށް ކަރަންޓުލީ ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ.

ރޯދަ މަހު ޕީކްއާ އެހެން މަސްތަކުގެ ޕީކްއާ ތަފާތުކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ އެހެން މަސްތަކުގައި ޕީކް އުޅެނީ ރޭގަނޑު 12 އިން ފެށިގެން ދޭއް ޖެހުމާ ހަމައަށް ނަމަވެސް ރޯދަ މަހު ޕީކް އުޅެނީ ހަވީރު 4 އަކުން 6 އަކާއި ދޭތެރޭގައި ކަމަށެވެ.

ފަހުމީ ވިދާޅުވީ ގިނަ ކަސްޓަމަރުންނަށް ބިލު ކުރެވިފައި ހުރީ ރަނގަޅަށް ނަމަވެސް މާލޭގެ 48،000 ކޮންސިއުމަރުންނަށް ރޯދަ މަސް ފެށުނު ދުވަހާއި ނިމުނު ދުވަހު ރީޑިން ނެގުމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ.

ބައެއް ކަސްޓަމަރުންގެ ބިލުގައި ރޯދަ މަހުގެ މަދު ދުވަސްތަކެއް ޑިސްކައުންޓާއި އެކު ލިބުނުކަން ގަބޫލު ކުރައްވާ ކަމަށާއި އެހެންނަމަވެސް ގިނަ ކަސްޓަމަރުންނަށް ބިލު ދެވުނީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ކުންފުނިން ބެލީ، ކަސްޓަމަރުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ދިނުމަށް ކަމަށެވެ. އަދި ސްޓެލްކޯއިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ފެނާއި ކަރަންޓުން ދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.