ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނު ކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ads by Asuru

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީންވެސް ބައިވެރިވީ ފޯނާއި އެކުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި އަމަލުކުރަމުންދާ އާއްމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރެއްވުމެވެ.

ނަމަވެސް މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

އަދި މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށްފަހު، ކަން ހިނގާފައިވާގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުން ދިއުމަކީ ޒިންމާދާރުކަމެއް ނޫންކަމުގައި ވެސް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.