ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ، ރޭ ބޭއްވި ”އަހާ“ ފޯރަމްގައެވެ.

،ރާއްޖޭގައި ތިބި ބިދޭސީންގެ ޖުމްލަ އަދަދު އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށް ވިދާޅުވެ، އެކަން ހައްލު ކުރުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ވޯކް ޕާމިޓްތަކާ ދިމާކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އަންނަ މަހު ދޭއްގައި ކ. ހިންމަފުށީގައި މި މަސައްކަތް ފަށާނެ ކަމަށާއި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި އެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”މިކުރާ މަސައްކަތަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން، ހާއްސަކޮށް އަންސްކިލްޑް ލޭބަރ މިކިޔާ ކެޓަގަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވޯކްޕާމިޓް ރެކޯޑުތަކާ އެމީހުންނާ ދިމާކުރަނީ.“ މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިސަރުކާރުން ފަށާފައިވާއިރު، މިއީ ކުރީ ސަރުކާރުން ހައްލު ކުރަން ވައުދުވެ، އެކަން ފުއްދައިނުދެވުނު ކަމެކެވެ.