މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއުއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ފޯމް ހުށަހެޅުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައި ވާތީ، އެޕްލިކޭޝަންތައް ބާތިލު ކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފިއެވެ.

Ads by Asuru

އެޗްޑީސީން ބުނީ 5 ނޮވެމްބަރ 2023 ގައި އޮންލައިން ޕޯޓަލް މެދުވެރި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ފޯމު ހުށަހެޅުމުގައި ދިމާވި ދަތިތައް ބަޔާންކޮށް ގިނަ ޝަކުވާތަކެއް ވަނީ ހުށަހެޅިފައި ކަމަށެވެ.

އަދި ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބެލިބެލުމުން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާކަން މިކޯޕަރޭޝަނަށް ފާހަގަކުރެވިފައި ވާތީ، އަދި މިކަމާގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލިފައި ވާތީ 5 ނޮވްމެބަރ 2023 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި ހުށަހެޅި އެޕްލިކޭޝަނަތައް ވަނީ ބާތިލް ކުރެވިފައި ކަމަށް އެޗްޑީސީން ބުންޏެވެ.

މިއާއެކު، ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި ވުމުން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ގިނަ ފަރާތްތަކެއްގެ ޝަކުވާ މި ކޯޕަރޭޝަނަށް ތަކުރާރުކޮށް ދަނީ ލިބެމުންނެވެ.

އަދި އެ ފަރާތްތަކަށް ބޯހިޔާވަހިމެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާތީ، ވިނަރެސް އެޕާޓްމަންޓް ވިއްކުމަށް އިތުރަށް ހުޅުވާނުލާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތު ތަނަވަސްކޮށް، މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައި ދިނުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ވިނަރެސް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ ޝަކުވާ މިކޯޕަރޭޝަނަށް ލިބިފައި ވާތީ، އެފަދަ ކަންކަމަށް ސަމާލުވުމަށް ހުރިހައި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.