ދ.ކުޑަހުވަދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތްތައް ނިންމާލައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިކަން ހާމަ ކުރައްވައި، ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވީ، ދ.ކުޑަހުވަދޫ އަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ރަށަކަށް ވުމާއިއެކު، އެ ރަށުގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދޭ ކަމަށެވެ.

”އެގޮތުން އެ ރަށުގެ ސިއްހީ ހިދުމަތްތައް ފުޅާ ކުރުމަށްޓަކާ، އާ ހޮސްޕިޓަލެއްގެ ޑިޒައިންގެ މަސައްކަތް މިހާރު ވަނީ ނިމިފަ.“ މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އުއްމީދު ކުރަނީ އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދ.ކުޑަހުވަދޫއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ، ކުޑަހުވަދޫ ތަރައްގީ ވެގެން އަންނައިރު، އެ ރަށުގައި އާބަން ސެންޓަރެއްގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ހުންނާނެ ކަމަށެވެ.

އެގޮތުން އެ ރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމާއި ހޮސްޕިޓަލުގެ އާ އިމާރާތެއް އެޅުމާއި ތައުލީމީ ހިދުމަތް ތަރައްގީ ކުރުމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އޭގެ ތެރޭގަ ހަމަ ކޮމާޝަލް ބަނދަރުވެސް، ކޮމާޝަލް ހާބަރެއް ހަމަ މިތަނަށް އަންނަން ޖެހޭނެ، އަދި އޭގެ ފައިދާ މުޅި ސަރަހައްދަށް ކުރާނެ،“ އެމަނިކުފާނު ވިދާޅުވިއެވެ.