މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން މި އަމަލު ކުށްވެރިކުރާ ކަމަށާއި، އެކަން ކުރާ ބަޔަކު ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖެ ޓީވީ އާއި ޗެނަލް13އަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، ރައީސް އޮފީހުން މިރޭ ބުނީ ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވާ ކަމަށެވެ.

ފޮރުވިގެންތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަޙްޤީޤް ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ފަށާފައިވާ ކަމަށާއި، އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލު ކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ ަކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

”އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ނަމަވެސް ގައުމީ މަސްލަހަތު އިސްކުރެއްވުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކުރައްވައި، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓު ކުރުމަށް ވެސް ރައީސް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަށާއި  ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ގައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމައުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިހްލާސްތެރިކަމާއިއެކު ރެއާ ދުވާލު މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ރާއްޖެ ޓީވީއަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.