ރައީސުލްޖުމްހޫރިއްޔާގެ އުންމީދު އަދި އަޒުމްފުޅަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގި މަސައްކަތްތެރިންނަށްޓަކައި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންކަމުގެ މައްޗަށް ތަފުސީލީ ގޮތެއްގައި އަލިއަޅުވާލައްވާފައިވެއެވެ.

އެގޮތުން ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ، އިނާޔަތްތައް އިތުރުކޮށްދެއްވަން މިހާރު ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އަދި އާމުދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ހަމަ އެއާއެކު، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށްޓަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މަސައްކަތްތެރިންނަށްޓަކައި މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަންކަން ކުރުމަށް އިސްކަން ދެއްވާކަން ބަޔާންކުރައްވަމުން، މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދެއްވާނެކަމަށާއި، ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށް، އާއިލާތަކަށް ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިއަދުގެ ހިތާބު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އުންމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އުޖާލާ ކުރިމަގެއް އޮތްކަމުގައި ވިދާޅުވެފައެވެ.

އަދި މަސައްކަތްތެރިންނަށް ތިޔާގިކަމުގެ އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.