މޫސުމީ ބަދަލުތަކާއި އެއާ ގުޅުންހުރި ކަންކަމަށް ބަލާއިރު، އަންނަ މަހު ވެސް ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ ”ޕީއެސްއެމް“ގައި ވާހަކަދައްކަމުންނެވެ.
ފަހުމީ ވިދާޅުވީ ކޮންމެ ހޫނު މޫސުމެއްގައި ވެސް ކަރަންޓު ބިލު ބޮޑުވާ ކަމަށާއި މީގެ ކުރީގެ އަހަރުތަކުގައި ވެސް މިކަން ހަމަ މިގޮތަށް ހިނގާފައި އެބަހުރި ކަމަށެވެ.
”އަޅުގަނޑުމެންގެ ހިސްޓްރީ ޕެޓާން މިހިރަ ގޮތުން ވެސް، އަދި މި މަހު އެކަންޏެއް ނޫން، މި އަންނަ މަހު ވެސް އަޅުގަނޑުމެންނަށް މި ފޯކާސްޓް ދައްކާ ގޮތުން ކަރަންޓު ބިލު ބޮޑުވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،“ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މި މަހުގެ ކަރަންޓު ބިލު އެހެން އަހަރުތަކާ ހިލާފަށް ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ.
ކަރަންޓު ބިލު ބޮޑުވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށާއި ރާއްޖޭގެ މިފަހުގެ ތާރީހެއްގައި އެންމެ ހޫނު ގަދަވީ މިދިޔަ މަހާއި މި މަހުގައިކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ މިކަމުގެ ހައްލަކީ ކަރަންޓު އިގްތިސާދު ކުރުން ކަމަށެވެ.
އަދި އެކަން އެގޮތަށް ނުކޮށް ކަރަންޓު ބިލު ކުޑަކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިދިޔަ ރޯދަމަހުގެ ޔުޓިލިޓީ ބިލްތަކުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ސަރުކާރުން ދިނެވެ.