އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަހައްދުގެ ވަފްދުގެ އިސްވެރިޔާ މިސްޓަރ ކަދިރް އޮމަރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އައި.ސީ.އާރު.ސީ. އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަފުދުގެ ބޭފުޅުންނަށް އެމަނިކުފާނު ދެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ވަނީ އެ ޖަމުއިއްޔާއަށް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ދާއިރާގެ މާހިރުންގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕަރޓިސް އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭގެ ކަމާބެހޭ އިދާރާތައް ހިމެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެ، އައި.ސީ.އާރު.ސީ އިން ހިންގާ އިތުރު ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުސަތުތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަހައްދުގެ ވަފްދުގެ އިސްވެރިޔާ ވަނީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް އާއި ދިވެހިރާއްޖެއާ ދެމެދު ދެމެހެއްޓިނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.