ކެންސަރު ބަލީގައި ނިޔާވި ޑރ.އައިމިނަތު ރަމްޝާ އަކީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ރެޔާ ދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑރ.ރަމްޝާ އަކީ ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރެއް ކަމަށާއި، އޭނާ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

”ގައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެކެވެ. އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެކެވެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޑރ.ރަމްޝާ އަކީ ބަލި މީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއް ކަމަށެވެ.

”މަރްހޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިއުމަތް އެ މަރްޚޫމާއަށް މިންވަރުކުރައްވާށިއެވެ. އާމީން.“

ޑރ.ރަމްޝާ ނިޔާވީ، ކެންސަރު ބަލީގެ ފަރުވާއަށް ތައިލެންޑަށް ދިރިއުޅުން ބަދަލު ކުރައްވައިގެން އުޅުއްވަނިކޮށެވެ.