ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތަފާތު ދައްކަވާނީ ތެދުވެރިކަމާއި، އިހްލާސްތެރިކަމާއި އެކުގައި ނަތީޖާއިން ކަމަށް އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު، އަދި ޕީއެންސީގެ ޗެއާޕާސަން، އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި، ލ.ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް އިސްކުރައްވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު ކަމަށާއ، އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާއި ގާތުން ކަމަށެވެ.

”ރައްޔިތުންގެ ކަން ބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަކީ އެ މަނިކުފާނުގެ އަމާޒު. ރައީސް ޑރ.މުއިއްޒަށް ރައްޔިތުން ދެއްވި އިތުބާރު އެ މަނިކުފާނު ދަމަހައްޓަވާނީ ރައްޔިތުންނަށް އިތުބާރު ދެއްވައިގެން.“

އަބްދުއްރަހީމް ވަނީ އެމަނިކުފާނު ތަފާތު ދައްކަވާނީ ތެދުވެރިކަމާ އިހްލާސްތެރިކަމާއެކު ނަތީޖާއިން ކަމަށާއި، ގައުމުގެ މުއްސަދިކަމަކީ ރައްޔިތުންގެ ހައްގެއްކަން ގަބޫލުފުޅު ކުރައްވައިގެން ކަމަށް ވެސް ވިދާޅުވެފައެވެ.