ނޫސްވެރީންގެ ގައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިހްލާސްތެރިކަމާއެކު އަދާ ކޮށްދިނުންމަތީ ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވިފިއެވެ.
ރައީީސް މިކަމަށް އެދިވަޑައިގެންފައި ވަނީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އާއްމު ކުރެއްވި ހިތާބުގައެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމު ބިނާކޮށް، ހާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންދިޔުމަށް ފަށާފައިމިވާ ދަތުރުގައި ސަރުކާރާއި، ނޫސްވެރީންނާއި، ހިދުމަތްތެރީންނާއި، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިޔުމަށް އެދިލައްވާ ކަމަށެވެ.
”ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ހިދުމަތް، ވަރަށް މުހިންމެވެ. ރެޔާއިދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖުތަމައު ހޭލުންތެރިކުރުވުމާއި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިއެވެ.“ ރައީސްގެ ހިތާބުގައިވެއެވެ.
ރައީސް ވަނީ އިންތިހާބީ ރައީސެއްގެ ގޮތުގައި އެމަނިކުފާނު އެންމެ އިސްކަން ދެއްވި އެއްކަމަކީ، ދިވެހި ނޫސްވެރީންނާއެކު ގުންޒަރެއް ބާއްވައި، ނޫސްވެރީންގެ އަޑު އެއްސެވުންކަން ފާހަގަކުރައްވާފައެވެ.
”ރިޔާސީ ދައުރު ފެށުމަށްފަހު، ނޫސްވެރީންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުންތަކުގައި ނޫސްވެރީން ދެއްވި ހިޔާލުތަކާއި، ފާހަގަކުރެއްވި ކަންކަން ވަނީ ނޯޓުކޮށްފައެވެ.“
ރައީސްގެ ހިތާބުގައި ނޫސްވެރީންގެ ހުށަހެޅުންތަކާއި އުއްމީދުތައް ހަގީވަތަކަށް ހަދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
