ރަމަޟާންމަހުގެ ބާކީ ބައިގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމުގެ ކުރިން ބިލުތައް ދެއްކި ފަރާތްތަކަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

Ads by Asuru
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ރޭ ޕޯސްޓެއް ކުރައްވައި ވިދާޅުވީ ފަހުގެ ބިލަށް ޑިސްކައުންޓް ދޭން ނިންމުމުގެ ކުރިން ބިލު ދެއްކި ފަރާތްތަކުގެ އަންނަ މަހުގެ ބިލުން އެ ފައިސާ އުނިކުރާނެ ކަމަށެވެ.

”ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލުތަކުގައި ޑިސްކައުންޓް ހިމަނާފައިވާ އިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މިރޭގެ ނިޔަލަށް އެ ބިލުތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުން،“ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލުތަކުން، ޑިސްކައުންޓު ހިމެނުމުން ތަފާތުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލުތަކުން އުނިކޮށްދޭނެ ކަމަށެވެ.

ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ. ފަހުމީ ވިދާޅުވި ސްޓެލްކޯ އިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ރޯދަ މަހު ދީފައިވާ ކަމަށެވެ.

ރޯދަ މަހު ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.