މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް ރާއްޖޭން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާއި ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނު ބާތިލުކޮށްފިއެވެ.

Ads by Asuru
ފުލުހުން ބާތިލު ކުރި އިއުލާނުގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި ބީލާމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މެއި 19 ވަނަ ދުވަހުގެ 14:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައި ކަމަށްވެސް އެ އިއުލާންގައި ވެއެވެ.

މި އިއުލާނު ފުލުހުން ކޮށްފައިވަނިކޮށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އެ އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ.

މިގޮތުން އޭނާ ވިދާޅުވީ، އެ އިއުލާނަކީ ފުލުހުންގެ އިދާރާގެ ޑިޕާޓްމެންޓުތަކުގައި ބިދޭސީން ލައްވާ ކުރުވަމުން އައި މަސައްކަތް ކުރުމަށް، ބިދޭސީން ހޯދުމަށް ކުރި އިއުލާނެއް ކަމަށެވެ.

އަދި އިއުލާނު ބާތިލު ކުރެވުނީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭގޮތަށް ފުލުހުން އަމަލު ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.

”އިއުލާން ބާތިލުކުރެވުނީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭގޮތަށް ފުލުހުންގެ ހިދުމަތުން އަމަލު ކުރުމަށް ނިންމާފައިވާތީ“ ޝިފާން ވިދާޅުވިއެވެ.

ވަޒީފާ ދިނުމުގައި ދިވެހީންނަށް އިސްކަން ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.