ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން އިންސާފު ނުލިބި ލަސްވާތީ، ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Asuru

އެ ޕަޓީން މި ކަންބޮޑުވުން ފާޅު ކުރީ ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށް ތިން އަހަރު ފުރުމާ ގުޅިގެން ނެރުނު ބަޔާނުގައެވެ.

ނަޝީދަށް ހަމަލާދީފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. ޑޮމޮކްރެޓްސް އިން ބުނީ، މި މައްސަލައިގައި އިންސާފު ނުލިބި މިހާ ގިނަ ދުވަސް ވެގެން ދިއުމަކީ ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށެވެ.

އެ ޕާޓީން ބުނީ ދައުލަތުގެ މުހިންމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދުރާލާ ރާވައިގެން އެވަރުގެ ނުރައްކާތެރި ނިރުބަވެރި ހަމަލާއެއް ދިނުމަށް ފުރުސަތު ލިބިދީފައި އޮތުމަކީ ކަންބޮޑުވާ އަދި ކުށްވެރި ކުރާ ކަމެއް ކަމަށެވެ.
އަދި ވަކިން ހާއްސަކޮށް ނަޝީދު އަވަހާރަ ކޮށްލުމަށް ތިން ފަހަރެއްގެ މަތިން ކުރިން ވެސް ރާވައި މަސައްކަތް ކުރި ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނިކޮށް އެއާ ވިދިގެން ވެސް އެމަނިކުފާނަށް ޤާނޫނު އަސާސީން ލާޒިމު ކުރާ ރައްކާތެރިކަން ކަށަވަރުކޮށް ނުދީ އޮތް އޮތުން ތަކުރާރުކޮށް ކުށްވެރި ކުރާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ނަޝީދަށް އެ ބޮމުގެ ހަމަލާ ދިނުމުގައި އެގޮތަށް ކަން ހިނގާފައިވާއިރު، އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތް ފިޔަވައި، އެހެން މީހުންގެ ޝަރީއަތްތައް ހިންގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ، އަދި ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާއި ހަމައަށް ވެސް ނުހޯދި އިންސާފު ގާއިމު ނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި ނޯމަލައިޒް ކުރުމުގެ އަމަލެއް ކަމުގައި ދެކޭ ކަމަށް ވެސް ބުންޏެވެ.