އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރަން ޖެހޭ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އަހަރުގެ ބަޖެޓުގައި މާ މަދުން ފައިސާ ހިމަނާފައި ހުރިކަން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ފާހަގަކުރައްވައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވީ މަދުން ފައިސާ ހިމަނާފައިވުމަކީ މަޝްރޫއުތައް ލަސްވާ ސަބަބު ކަމުގައެވެ.

ރާފިއު ވިދާޅުވީ، މަޝްރޫއެއް ކުރިއަށް ގެންދަން ބަލާއިރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށެވެ.

”އެބަހުރި ދެ މިލިއަން، ތިން މިލިއަންގެ ޕްރޮޖެކްޓްތަކަށް ދެ ލައްކަ، ތިން ލައްކަ ރުފިޔާ ބަޖެޓްގައި ހިމަނާފައި،“ މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކުރާއިރު، ބަޖެޓްގައި އެ މަސައްކަތާ އެކަށީގެންވާ ވަރަށްވުރެ ކުޑަ އަދަދެއް ހިމަނާފައި އޮތުމުގެ ސަބަބުން އެ މަސައްކަތެއް ހަވާލުކުރުމަށް ފަހު، ދެވަނަ ޕޭމަންޓެއް ދެއްކުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

މަޝްރޫއުތައް ދަންމާލަން ޖެހެނީ އެހެންވެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”އެޑްވާންސަށް ދޭ 15 ޕަސެންޓް ދިނުމަށްފަހު ދެން ދެވަނަ ޕޭމަންޓް ދައްކަން ބަލާއިރު އެ އަހަރެއްގެ ބަޖެޓްގައި ދެން އެ ކަމަށް ތަނެއް ނުދޭ.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީއިރު، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން، މަޝްރޫއުތައް ހިންގަން ބަޖެޓުގައި އެކަށީގެންވާ އަދަދަށް ފައިސާ ހިމަނާފައިނުވާތީ، މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.