އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އިންތިޒާމުކޮށްގެން 23 ވަނަ ގާލްގައިޑް ކޭމްޕުގެ ދަރިވަރުންނަށް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި އައުޓްޑޯރ ޗެލެންޖެއް ކުރިއަށް ގެންގޮސްފިއެވެ.

Ads by Asuru

އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު، ދެ ދެންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އައުޓްޑޯރ ޗެލެންޖުގައި ރާއްޖޭގެ އެކި ސްކޫލުތަކުން 302 ކުދިން ވަނީ ބައިވެރިވެފައެވެ.

އެމްއެންޑީއެފް އިން ބުނީ، މިއީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ވާދަވެރި ރޫހެއްގައި ޓީމް ބިލްޑިންގ އަދި ލީޑަރޝިޕް ހުނަރުތައް އެކްސަސައިޒް ކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ބޭއްވި އައުޓްޑޯރ ޗެލެންޖެއް ކަމަށެވެ.

ޖުމްލަ 12 ގްރޫޕަކަށް ބަހާލައިގެން އައުޓްޑޯރ ޗެލެންޖު ކުރިއަށްގެންދިޔައިރު ޗެލެންޖުގެ ފުރަތަމަ ދަންފަޅީގައި 169 ދަރިވަރުން، އަދި ޗެލެންޖުގެ ދެވަނަ ދަންފަޅީގައި 133 ދަރިވަރުން  ބައިވެރިވިއެވެ.

މި ޗެލެންޖު ކުރިއަށްދިޔައިރު އެމްއެންޑީއެފްގެ ފަރާތުން 19 ސިފައިން ވަނީ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައި ކަމުގައިވެސް އެމްއެންޑީއެފް އިން ބުންޏެވެ.