ތެލަސީމިއާ ބަލީގެ ފަރުވާއަށްޓަކައި، ބޯންމެރޯ ޓްރާންސްޕްލާންޓު ހަދަން، މި އަހަރު އިތުރު 10 ކުދިން ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

Ads by Asuru

ތެލަސީމިއާ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ހަލީލު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި މިހާރުވެސް ތެލަސީމިއާ 5 ޕޭޝަންޓުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ދެ ކުއްޖަކު ފަރުވާ ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ދެ ކުދިންގެ ހާލު ރަނގަޅު ކަމަށެވެ.

”ތިން ކުއްޖެއްގެ އޮޕަރޭޝަންގެ ކަންތައްތައް ވަރަށް ކައިރި މުސްތަގުބަލެއްގައި ކުރިއަށްދާނެ ވާހަކަވެސް މި ފުރުސަތުގައި އަޅުގަނޑު ދަންނަވަން.“

މިނިސްޓަރުގެ ވާހަކައިގައި މި އަހަރުގެ މެދު ތެރޭގައި ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ހަމަޖެހިފައިވާ ފުރަތަމަ ފަސް ކުދިން ރާއްޖެއިން ބޭރަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި އިތުރު ފަސް ކުދިން އަހަރުގެ ފަހުކޮޅު ރާއްޖެއިން ބޭރަށް ފުރުވާލާނެ ކަމަށް ވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ތެލަސީމިއާގެ ފަރުވާއަށް މި ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް މާލެ ސަރަޙައްދުގައި ގާއިމްކުރައްވާނެކަން މީގެ ކުރިން ވަނީ އިއުލާނުކުރައްވާފައެވެ.

އެގޮތުން އެ ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ވަނީ ހަމަޖައްސަވާފައެވެ.

މީގެ އިތުރުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަން މިހާރު ވަނީ ފައްޓަވާފައެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމްތައް މި ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާދެއްވާފައެވެ. ބައިނަލްއަގްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުގައި އަލި އަޅުވާލާފައިވަނީ، ތެލަސީމިއާ އާއެކު ދިރިއުޅޭ މީހުން ބާރުވެރިކުރުމަށް، ފަރުވާއަށް ލިބިފައިވާ ކުރިއެރުންތަކުގެ ބޭނުން ހިފައި، ހޭލުންތެރިކަން އިތުރުކޮށް، މާނަހުރި ހެޔޮ ބަދަލަކަށް ކެނޑިނޭޅި ވަކާލާތު ކުރުމުގެ ޒިންމާގެ މައްޗަށެވެ.