އައްޑޫ ސިޓީގައި ޑެންގޫ ހުން ޖެހޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

މި އިލްތިމާސް ކޮށްފައި ވަނީ، އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ މިދުވަސްވަރު އައްޑޫސިޓީގައި ޑެންގީހުން ޖެހޭ މިންވަރު އިތުރުވަމުންދާތީ ރައްޔިތުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާކަމަށާއި، އެ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމުގައެވެ.

މިދުވަސްވަރު ޑެންގީ އާއި ޗިކުންގުންޏާ ފެތުރޭ މިންވަރު އިތުރުވަމުން ދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)’މ އިން ވަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ދެ ބައްޔަކީވެސް އީޑީސް މަދިރީގެ ސަބަބުން ޖެހޭ ދެ ބައްޔެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވާން ޖެހެއެވެ.

އެހެންވެ، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވައިކުރުން، މަދިރިގެ ބޭނުންކުރުން، މަދިރި ވަދެފާނެ ދިމަދިމާގައި މަދިރި ދައު ޖެހުން، ހެނދުނާއި ހަވީރު ނުވަތަ މަދިރި ހަފާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލެއްޕުން، މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.

މަދިރިން ސަލާމަތްވުމަށްޓަކައި ގޯތިތެރޭގައި ހުންނަ ފެންހަރުލާފަދަ ތަކެތި (ހުސް ދަޅާއި ފުޅި، ނާށި ، ޓަޔަރު ފަދަ ތަކެތި) ނައްތާލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.