ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައިފިއެވެ.

ރާއްޖޭގައި ތިން ޕްލެޓްފޯމެއްގައި ހަރަކާތްތެރިވަމުން ދިޔަ އިންޑިއާ ސިފައިން ފޮނުވާލިކަން އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖެއިސްވާލް ވަނީ ބޭރުގެ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށްފަހު މިހާރު ވަނީ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނެސްފައި ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަކާއެކު އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރާ ގުޅިގެން އެ މަސައްކަތް ފައްޓަވާފައެވެ.

ދެ ގައުމު ގުޅިގެން ކުރި މަޝްވަރާތަކާއެކު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވިއެވެ.