އދގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް އާންމު މަޖިލީހުން ނިންމުމަކީ އެ ގައުމަށް އިންސާފު ހޯދައި ދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބިގެންދިޔަ ތާރީހީ ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔޫއެން އިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ފާސްކުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، މިއީ ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ތާރީހީ އަދި ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ރައީސް ވަނީ މި މުހިންމު ގަރާރު ފާސްކުރުމަށް ވޯޓު ދީފައިވާ ގައުމުތަކަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ކުރެއްވި ޕޯސްޓުގައި ދިވެހީން، ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ހިތްވަރުން ނަމޫނާ ނަގާ ކަމުގައި ވެސް ވިދާޅުވިއެވެ.

ފަލަސްތީނަށް އދގެ މެމްބަރުކަން ދިނުމުގެ މުހިންމު ނިންމުން ނިންމާފައި ވަނީ މިއަދު ކުރިއަށްދިޔަ އދ ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމުގައެވެ.

ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް 143 ގައުމަކުން ވަނީ ރުހުން ދީފައެވެ.

މި މައްސަލައިގައި އދގެ 9 މެންބަރު ގައުމަކުން ވަނީ ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓުދީފައެވެ. 25 ގައުމެއް، ވަކި ގޮތަކަށް ވޯޓު ނުދެއެވެ.

މި ގަރާރަކީ ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާ ގަރާރެކެވެ.