އިޒްރޭލަށް އިތުރު ފިޔަވަޅުތައް އަޅަން ބައިނަލްއަގުވާމީ ކްރިމިނަލް ޖަސްޓިސް ކޯޓު (އައިސީޖޭއިން)އަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި، ވީހާ ވެސް އަވަހަށް ފިޔަވަޅު އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައިސީޖޭއަށް ގޮވާލައްވައިފިއެވެ.

Ads by Asuru
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ސުންނާފަތިކޮށްލާފައިވާއިރު، ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ތިބެގެން ނުވާނެ ކަމަށެވެ.
ޣައްޒާގައި، ހާއްސަކޮށް ރަފާގައި މިހާރު ފެންނަމުންދާ މަންޒަރުތަކަކީ މާޔޫސްކަމާއި، މީހުން ގެދޮރު ދޫކޮށް ދާން ޖެހުމާއި މަރުގެ މަންޒަރުތައް ކަމަށް ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލައި ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށާއި އައިސީޖޭއިން މިކަމާއި ދެކޮޅަށް ތެދުވެ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރަފާހްއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖޭގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް އަބަވެސް ތާއީދު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ފަލަސްތީނުގައި ތިބި އަހުންނާއި އުހުތުންނަށް ޝަރަފުވެރިކަމާއި، ސުލްހަވެރިކަމާއެކު، ތަނަވަސް ދިރިއުޅުމެއް އުޅެވެންދެން ހަމަޖެހުން ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.