ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕް 2023 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނީ 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު، މި ސްކޮލަރޝިޕާބެހޭ އުސޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސްކޮލަރޝިޕް ލިބުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް:
- ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ޘާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުން.
- ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއަކުން 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރެއް ނަމަ ”އިސްލާމް“ އާއި ”ދިވެހި“ ހިމެނޭ ގޮތަށް 5 މާއްދާއިން A* ފާސް ހޯދާފައިވުން، އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން ”ސީ“ އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން ނުވަތަ ދިވެހި ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް/މަދަރުސާއަކުން 2023 ވަނަ އަހަރު ޝަހާދާ ޘާނަވީ އިމްތިޙާން ހެދި ދަރިވަރެއް ނަމަ ޝަހާދާ ޘާނަވީ އިމްތިހާނުން ފައިނަލް އެވްރެޖް ގައި ”*A“ ފާހެއް ހޯދާފައިވުން، އަދި އެޗް.އެސް.ސީ ދިވެހި މާއްދާއިން ”*A“ ފާހެއް ހޯދާފައިވުމުގެ އިތުރުން ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން ”ސީ“ އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން ނުވަތަ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އިން ޝަހާދާ ޘާނަވީ އިމްތިހާނުން 1 ވަނަ ޙ/ހާސިލު ކޮށްފައި ވުން.
މިނިސްޓްރީން ބުނެފައިވަނީ ސްކޮލަރޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެ މިނިސްޓްރީއަށް ހުށަހަޅުއްވާނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަޅް މެދުވެރިކޮށް ކަމަށެވެ.