ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމި، ތަރައްގީކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ މައިލްސްޓޯން ފުރިހަމަ ކޮށްފިއެވެ.

Ads by Asuru

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ވަނީ ހުޅުވާލާފައެވެ.

މިގޮތުން ތިލަފުށިން ބިން ގަނެފައިވާ ފަރާތްތަކާ މއެކު ހެދިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއު ފިޔަވަހިތަކަށް ބަހާލައި، ފުރިހަމަވާ ނިސްބަތަކުން، އެ ބިންތަކުގެ ފައިސާ ދައްކާ ހަމަކުރާ ގޮތަށެވެ.

އެހެންކަމުން މަސައްކަތް ކުރިއަށް ދާ ނިސްބަތާއި ކަނޑައެޅިފައިވާ މައިލްސްޓޯން ފުރިހަމަވާ މިންވަރު ބިން ގަނެފައިވާ ފަރާތްތަކަށް އެކަން އަންގަމުން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން މަސައްކަތް ކުރަނީ، ކަނޑައެޅިފައިވާ ޕްލޭންއާ އެއްގޮތަށް، ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ނިންމައި، ތަނުގެ ބޭނުން ކުރެވޭނެ ފުރުސަތު ވީހާވެސް އަވަހަކަށް ހުޅުވާލުމަށް ކަމަށެވެ.