ހުޅުމާލެ ފޭސް ދޭއްގެ ޓަވަރެއްގެ އެޕާވްމަންޓަށް މީހުން ގެންގޮސް ފޭރޭ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފޭސް ޓޫ އެޗް14 ކޮމިއުނިޓީ ވައިބަރ ގްރޫޕުގައި މީހަކު ބުނީ، ފޭސް ޓޫގެ ބައެއް ޓަވަރުތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުން، ބައެއް އަންހެނުން ބޭނުންކޮށްގެން، ފިރިހެނުން ކިޑްނެޕް ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

”ވީމާ ކުޑަކުދިން، އެއްވެސް ދައްތައަކު ނުވަތަ ބޭބެއަކު ބުންޏަސް، އެހެން ބައެއްގެ އެޕާޓްމަންޓަށް ނުދިޔުމަށް ނަސޭހަތްތެރިވަން.“ ވައިބަރ ގްރޫޕްގައިވާ މެސެޖުގައިވެއެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާކަން ކަށަވަރު ކޮށްދެމުން، ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު މީޑިއާތަކަށް ވިދާޅުވީ، އެކި ވާހަކަ ދައްކާ ހައްދާލައިގެން، ފޭސް 2ގެ ޓަވަރެއްގެ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ.

”ކާކުކަން ނޭނގޭ، ނުވަތަ ގޮތްނޭނގޭ މީހުން މިގޮތަށް ދާން އެދުނު ކަމުގައި ވިޔަސް ނުދިޔުމަށް މި ހިދުމަތުން އިލްތިމާސް ކުރަން.“ ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ފޭރުމުގެ މި އަމަލު ހިންގީ ހިޔާގެ ކޮން ޓަވަރެއްގައި ކަމެއް ސާފެއް ނޫނެވެ. ފުލުހުން ބުނީ މި މައްސަލަ ބަލަމުންދާ ކަމަށެވެ.