ކުދި އުޅަނދުތަކުގައި ދަތުރު ކުރުމާއި، ފަޅު ރަށްރަށަށް ވެސް މި ދުވަސްވަރު ދަތުރު ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ، މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
”ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އިލްތިމާސްކުރަން.“ ފުލުހުން ބުނެއެވެ.
އަދި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ފުލުހުން މިފަދަ އިލްތިމާސްއެއް ކުރިއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން ވަނީ، މާލެ ސަރަހައްދަށް ނެރުނު އޮރެންޖު އެލާޓުގެ ވަގުތު އަނެއްކާވެސް ދަންމާލާފައެވެ.
އިއްޔެ ހަވީރު 17:30 އިން ފެށިގެން ރޭ 20:30 އާއި ހަމައަށް، ބ. އަތޮޅުން ފެށިގެން މ އަތޮޅަށް އޮރެންޖު އެލާޓް ނެރެފައިވެއެވެ.
އޭގެ ފަހުން އެ ސަރަހައްދު ހިމެނޭހެން ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ތިން ފަހަރެއްގެ މަތިން ނެރެފައި ވެއެވެ.
އަދި ވ. އަތޮޅާއި ހަމައަށް ދެވަނަ ފަހަރަށް މިއަދު އޮރެންޖު ހެނދުނު ނެރުނުއިރު، މި އެލާޓް ތިން ވަަނަ ފަހަރަށް ނެރުނީ މިއަދު މެންދުރު 12:00 އާ ހަމައަށެވެ. މިހާރު އެ އެލާޓް ވަނީ ހަވީރު 4:00 އާ ހަމައަށް ދަންމާލާފައެވެ.
މޫދަށް ނޭރި، ދަތުރު ވެސް ނުދިޔުމަށް ފުލުހުން އެދިފައިވާއިރު، މިއީ ސްކޫލް ބޮޑު ޗުއްޓީ ދުވަސްވަރުކަމަށްވުމާއިއެކު، ގިނަ މީހުން މި ދުވަސްވަރު ދަތުރު ދިޔުން ފަދަ ކަންކަން ކުރެއެވެ.
އިއްޔެ އ.އ ތޮއްޑޫގައި މޫދަށް އެރި އުޅުނު ބަޔަކު ކޮޅިގަނޑެއްގައި ޖެހި، އެއްގަމަށް ނާދެވިގެން ވެސް އުޅުނެވެ. ފުލުހުންނާއި ސްޓެލްކޯގެ މުވައްޒަފުންގެ އެހީތެރިކަމާއިއެކު، އެ މީހުން ވަނީ ސަލާމަތްކޮށްފައެވެ.