ވިލިމާލޭގައި ގާއިމްކުރާ 100 އެނދުގެ ހޮސްޕިޓަލުގެ ދިރާސާ އެއްބަސްވުމުގައި ސޮއިކުރެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޝިން ވިދާޅުވެއްޖެއެވެ.

އެކަމަނާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ ފީސިބިލިޓީ ސްޓަޑީގެ ލެޓާ އޮފް އެކްސްޗޭންޖްގައި މިނިސްޓަރާއެކު ސޮއިކުރެއްވުމަކީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާ ކަމަށާއި އުއްމީދު ކުރައްވަނީ ޗައިނާގެ އެހީގައި ހިންގާ މި މަޝްރޫއުއިން ދިވެހީންނަށް ފައިދާ ވާނެ ކަމުގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. އަދި، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޝިންއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ދާނީ، ޕްރޮޖެކްޓްގެ އަމަލީ މަސައްކަތަށް ބޭނުންވާ ދިރާސާތައް ހެދުމެވެ.

ވިލިމާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ދެ މަސް ކުރިން ވިދާޅުވެފައެވެ.