މާލެ ސިޓީގެ މަގަކަށް ”ފަލަސްތީނު ހިނގުން“ ކިޔުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭގައި އެއްވެސް ނަމެއް ނުކިޔާ ދެ މަގެއް އޮތްކަން ފާހަގަކުރައްވައި، އެ ތަނުން މަގަކަށް ނޫނީ އެ ނޫން ވެސް މަގަކަށް ”ފަލަސްތީނު ހިނގުން“ ކިޔަން ފެނޭތޯ އައްސަވާފައެވެ.
އަދި ފަލަސްތީނަކީ ދިވެހީންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއްކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.
ގަލޮޅު އުތުރުގެ ކައުންސިލަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވީ މޭޔަރުގެ ހުށަހެޅުއްވުމަކީ ވަރަށް ރަނގަޅު ހުށަހެޅުއްވުމެއް ކަމަށެވެ.
މޭޔަރުގެ ހުށަހެޅުއްވުމުން މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
މޭޔަރު އާޒިމް ވިދާޅުވީ އެ ނަން ކިޔާނެ ތަނާއި އިތުރު މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށެވެ. އަދި މަގަށް ނަން ކިޔާނީ ރަސްމިއްޔާތަކާ އެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.
